ތަޢުލީމު
15 އޮކްޓޯބަރު 2026
· 1 މިނެޓުގެ ކިޔުމެއް
ޠޫފާނުލް އަޤްޞާއަށް ފަހު ތިން އަހަރު
ލިޔުއްވީ
އިސްރާ އެޑިޓޯރިއަލް
ސިޔާސީ އަދި އަސްކަރީގޮތުން އިސްތިރާތީޖީ ބޮޑު ލޮޅުމެއް! "ޠޫފާނުލް އަޤްޞާ" ހަނގުރާމަ ފެށުނުތާ، ނިމިދިޔަ 7 އޮކްޓޫބަރު 2026 އަށް ތިން އަހަރު ފުރިގެންދިޔައިރު، 7 އޮކްޓޫބަރ 2023 ގެ ފަހުން ކަންކަން ހިނގާފައިވާގޮތާއި ހިނގަމުންދާ ކަންކަމާއި މެދު ވިސްނާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެގޮތުން ފުރަތަމަކަމަކަށް ފަހަގަކޮށްލަން ޖެހެނީ "ޠޫފާނުލްއަޤްޞާ" ގެ ހަނގުރަމައަށްފަހު މިއަދާ ހަމައަށް މިއީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައެއްކަމެވެ. އެއީ މީގެ ކުރިން ޣައްޒާގެ ރައްޔިތުން ދުވަހަކު ވެސް ތަޖުރިބާކޮށްފައި ނުވާފަދަ ހިސާރުކުރުމާއި ސުންނާފަތިކުރުމުގެ ތެރޭގައި ފާއިތުވެގެންދިޔަ ދަތި އުނދަގޫ ދުވަސްތަކެކެވެ. އެހެނަސް ފާހަގަކޮށްލަން ޖެހޭ ހަގީގަތަކީ މިވޭތުވެދިޔަ ތިން އަހަރަކީ ހަމައެކަނި ޢަރަބި-އިސްރާއީލް މައްސަލައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުއްދަތެއް ނޫންކަމެވެ. އޭގެ އިތުރަށް، މިއީ ޣައްޒާއާއި ސަރަހައްދީ އަދި ބައިނަލްއަޤުވާމީ އަސްކަރީ އަދި ސިޔާސީ މަޝްރަޙަށް އިންގިލާބީ ބަދަލުތަކެއް ގެނުވި ދުވަސްތަކެކެވެ. އެގޮތުން ޠޫފާނުލް އަޤްޞާ ހާދިސާއާއި އޭގެފަހުން ހިނގައި ދިޔަ ކަންކަމާއި ގުޅުން ހުރި، ޢިލްމީ މުފައްކިރުން ފާހަގަ ކުރައްވާ ބައެއް ނުކުތާތަކަށް މިލިޔުމުގައި އަލި އަޅުވާލާނަމެވެ. ފުރަތަމައީ: އިސްރާއީލުގެ ބިރުދެއްކުމުގެ ސިޔާސަތަށް އައި ލޮޅުން: ސަރަހައްދީ އަދި ފަލަސްޠީނުގެ ފެންވަރުގައި ބަލާއިރު، ޠޫފާނުލް އަޤްޞާގެ މި ހާދިސާއަކީ އަނިޔާވެރި އިސްރާއީލުގެ "ބިރުދެއްކުމުގެ ފަލްސަފާ" އާއި އެމީހުންގެ ޓެކްނޮލޮޖީގެ ވަރުގަދަ ކަމަށް ކުރާ ދަޢުވާގެ މަތީގައި ޖެހުނު ވަރުގަދަ އެތިފަހަރެކެވެ. މީގެ އިތުރުން، މިކަމުން ސާބިތުވެގެންދިޔައީ ފަލަސްޠީނުގެ މުޖާހިދުން ހަނގުރާމައިގެ މައިދާނުގައި ކުރިއަރާފައިވާ މިންވަރާއި ހަނގުރާމައިގެ އައު އުސޫލުތަކާއި ގޮތްތައް ހޯދާފައިވާ ފުރިހަމަ ކަމެވެ. ސިޔާސީގޮތުންނާއި އަދި އަސްކަރީގޮތުން ވެސް މުޖާހިދުންނަށް ކުރީ ސަފު އަތުލުމުގެ ގާބިލުކަން ލިބިގެންވާ ކަމެވެ. އަދި އިސްވެ ހަމަލާދޭން ޖެހުނަސް އެ ޤާބިލުކަން ވެސް ލިބިފައިވާކަމެވެ. ގިނަ އަދަދެއްގެ މީހުން ޝަހީދުވެ އިންސާނީ ވަސީލަތްތަކުގެ ގޮތުން ބޮޑެތި ޤުރުބާނީތަކަކާ ކުރިމާލާން ޖެހޭ ފަދަ ހަނގުރާމައެއް ކުރިމަތިވި ނަމަވެސް، ފަލަސްޠީނު ރައްޔިތުން ދެއްކި ސާބިތުކަމުގެ ސަބަބުން، އަވަސް އަދި ބޮޑު ކާމިޔާބީއެއް ހޯދުމާއި ދިމާލަށް މުޖާހިދުން ދަތުރު ކުރާކަމެވެ. އަދި ހަނގުރާމަ ކާމިޔާބުކޮށް ފަލަސްޠީނުގެ ބިން އެކީ އެކަށްޗަކަށް ފޭރިގަތުމަށާއި ރައްޔިތުން ގަދަކަމުން ބޭރުކޮށްލުމަށް އިސްރާއީލުން ކުރި އުންމީދުތައް ފެނަށްވީކަމެވެ. އަދި ނަތީޖާއެއް ނުނެރެވޭ މަޝްވަރާތަކުގެ ބަދަލުގައި، "މިނިވަންކަމުގެ ޖިހާދު" ގެ ފިކުރު މިއަދު ވަނީ އަލުން ދިރިފައިކަމެވެ. ނަތީޖާއަކީ އިސްރާއީލުގެ ބިރުދެއްކުމުގެ ސިޔާސަތަށް ނިމުންއައުމެވެ. އަދި ހަމަލާ ބަދަލުކުރުމުގައި އިސްވުމުގެ އެ ޤާބިލުކަން ވެސް މުޖާހިދުންނަށް ލިބިގެން ދިއުމާއި ގުޅިގެން އިސްރާއީލަށް ކުރިން ލިބުނު އެ ޚާއްޞަ ކަންވެސް ބީވެބެން ދިޔައީއެވެ. އެހެން ކަމުން ކޮންމެ ވަގުތެއްގައި ވެސް ނުރައްކާތެރި ހަމަލާއެއް ދީފާނެ ކަމުގެ ބިރު އިސްރާއިލަށް އޮންނާނެވެ. ދެވަނައީ: އިސްރާއީލާއެކުވުމާއި ގުޅުން ގާއިމުކުރުމުގެ އިސްތިރާތީޖީ ލޮޅުން:
ސަރަހައްދީ ފެންވަރުގައި ބަލާއިރު، އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން "ސަރަހައްދީ ގުޅުންތައް ބަދަހިކުރުމާއި، އެއްވެސް ބަދަލަކާ ނުލައި އިސްރާއީލާއެކު ގުޅުން އާއްމު ހާލަތަކަށް ގެންދިޔުން ނުވަތަ ނޯމަލައިޒޭޝަން" މަޝްރޫއު ވަނީ ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓި ވަރަށް ބޮޑަށް މަޑުޖެހިފައެވެ. މި ހާދިސާތަކުގެ ސަބަބުން އެކިއެކި ޤައުމުތަކުގެ ސަރުކާރުތަކުގެ ނިންމުންތަކާއި، އެޤައުމުތަކުގެ އާންމު ރައްޔިތުންގެ ވިސްނުމާ ދެމެދު އޮތް ބޮޑު ފަރަގު ހާމަވެ ބައެއް ޤައުމުތައް ވަނީ ފަޟީޙަތްވެފައެވެ. އަދި "ޠޫފާނުލް އަޤްޞާ" އަށް ފަހު، "އަސްކަރީ މައިދާންތަކުގެ އެއްބައިވަންތަކަން" ނުވަތަ ބޯޑަރުތަކުން ބޭރުން ސަރަހައްދީ ގުޅުންތައް ވަރުގަދަވުމުގެ ސަބަބުން، އިސްރާއީލަށް އެކަނި އެއް ފްރަންޓަކަށް ކުރިމަތިލާ ހަނގުރާމަކުރުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. މީގެ އިތުރުން، ވޭތުވެދިޔަ ތިންއަހަރުގެ ތެރޭގައި ހާމަވެގެން ދިޔައީ ސަރަހައްދީ ހަމަޖެހުން ބިނާވެފައިވަނީ ފަލަސްޠީނުގެ މައްސަލައަށް އަޅައިނުލާ އެއްފަރާތްކުރުމުގެ މައްޗަށް ނޫންކަމަށާއި، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މައްޗަށްކަމެވެ. ނަތީޖާއަކީ ޢަރަބި ޤައުމު ތަކާއި ހުޅަގުގެ ޤައުމު ތަކަށް ވެސް ނޯމަލައިޒޭޝަންގެ ސިޔާސަތު ތަންފީޒުކުރުމަށް ދަތިވުމާއި އުނދަގޫވުމެވެ. އަދި ބައެއް ޤައުމު ތަކުގައި މި ސިޔާސަތު ވަނީ މުޅިން ހުންޓާލަން ޖެހިފައެވެ. ތިންވަނައީ: ހުޅަނގުގެ ނުފޫޒާއި ބައިނަލްއަގުވާމީ ނިޒާމުގެ އިސްތިރާތީޖީ ލޮޅުން:
މި ހަނގުރާމައިގެ ސަބަބުން ހުޅަނގުގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ ނިޒާމުގެ އޮނިގަނޑުގައި ހުރި ބޮޑެތި މައްސަލަތައް ވަނީ ފަޅާއަރާފައެވެ. އިސްރާއީލަށް އެއްވެސް ޝަރުތަކާ ނުލައި ދެމުންދާ އެހީތެރިކަމާއި ޤާނޫނުތަކާއި އުސޫލުތަކަށް ގޮންޖަހާ، ކުރާ އެއްވެސް ކަމަކަށް ފިޔަވަޅު ނޭޅުމާއި އެކަމާއި އިންކާރު ނުކުރުންފަދަ އެތައްކަމެއް ވަނީ ފެނިފައެވެ. މިކަންކަމުގެ ސަބަބުން، ބައިނަލްއަގުވާމީ ނިޒާމަށާއި ދުނިޔޭގެ މުއައްސަސާތަކަށް އޮތް އިތުބާރު ވަނީ ގެއްލިފައެވެ. މީގެ ސަބަބުން އިސްތިއުމާރުކުރުމާއި ޤައުމުތަކަށް ނުފޫޒު ފޯރުވުމާ ދެކޮޅު ރަމްޒީ ފްރަންޓެއް ވަނީ އުފެދިފައެވެ. އަނެއްކޮޅުން، ދުނިޔޭގެ އާންމު މަސްލަހަތަށާއި ޢާއްމުންގެ ވިންނުންތަކަށް ވަނީ ބޮޑު ބަދަލެއް ގެނުވާފައެވެ. ޚާއްސަކޮށް ހުޅަނގުގެ ޒުވާން ޖީލުތަކާއި ތައުލީމީ ދާއިރާއާއި ޢީލްމީ ދާއިރާތަކުގެ ޢާއްމުންގެ ތާއީދު ފަލަސްތީނަށް ލިބެމުންދާއިރު، ބައިނަލްއަގުވާމީ އަދުލުގެ މަޖިލީސްތަކާއި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުތަކުގައި މީގެ ކުރިން ފެނިފައިނުވާ ފަދަ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވަނީ ފެށިފައެވެ. ނަތީޖާއެއްގެ ގޮތުން، އިސްރާއީލަކީ ގާނޫނުތަކަށް ބޯނުލަބާ އާންމު އުސޫލަތަކާއި މަސްލަހަތުތަކާއި ކަނޑައެޅިގެން ޚިލާފުވާ، ބައިނަލްއަގުވާމީ މުޖުތަމަޢުން ބާކީވެފައިވާ ދައުލަތަކަށް ވަނީ ބަދަލުވެފައެވެ. އެގޮތުން އދ ފަދަ ބައިނަލްއަގުވާމީ މަޖިލިސްތަކުގައި ބޮއިކޮޓު ކުރެވޭ ބައެއްކަމުގައި ވަނީ ވެފައެވެ. ހަތަރުވަނައީ: ހަރަދުތަކާއި މުސްތަގުބަލުގެ މިސްރާބުގެ އިސްތިރާތީޖީ ލޮޅުން: ވޭތުވެދިޔަ ތިން އަހަރުގެ ނަސްލު ނައްތާލުމުގެ އަނިޔާވެރި ޢަމަލުތަކުން ކަށަވަރުވަނީ، މި ބޮޑު ގެއްލުން މިހާރު އޮތީ އަނބުރާ ރުޖޫޢަ ނުވެވޭނެ ފަދަ މަރުހަލާއެއްގައި ކަމެވެ. ފަލަސްޠީނުގެ ރައްޔިތުން ވަމުންދާ މަތިވެރި ޤުރުބާނީތަކާއި، ލިބެމުންދާ ގެއްލުންތަކަކީ ހަމައެކަނި ތަހައްމަލުކުރާ ތަދެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ އިސްތިއުމާރީ ބާރުތަކަށް އެ ބިމުގައި ދެމިތިބުމަށް ދައްކަންޖެހޭ އަގު ބޮޑުވެގެންދިޔަ ހަގީގީ އިސްތިރާތީޖީ ސަބަބެވެ. ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުސްތަގުބަލު މިހާރު ބިނާވަމުންދަނީ ޤައުމުތަކުގެ އާއްމު ރައްޔިތުންގެ، ފަލަސްޠީނު ޤަޟިއްޔާއާ ގުޅޭގޮތުން ވަމުންދާ އައު ވިސްނުމާއި ހޭލުންތެރިކަމުގެ މައްޗަށެވެ. އެ ހޭލުންތެރިކަމުގައި ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނި އިންސާނީ ކަމެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެއީ 21 ވަނަ ގަރުނުގެ ދުނިޔޭގެ ބާރުތަކުގެ މެދުގައި އޮތް އެންމެ މުހިންމު އިސްތިރާޖީ މައްސަލަ ކަމަށާއި، ދުނިޔޭގެ އަޚްލާގީ މިންގަނޑުތައް ވަޒަންކުރާ މިސްރާބުކަމުގައި ވަނީ ކަނޑައެޅިފައެވެ. މިއީ ޠޫފާނުލް އަޤްޞާ ހަގުރާމައަށްފަހު ދުނިޔޭގެ އިސްތިރާޖީ ނިޒާމަށްއައި ބައެއް ބޮޑެތި ބަދަލުތަކެވެ. އަދި މިނޫންވެސް އިތުރު ބަދަލުތައް ވަނީ އައިސްފައެވެ. އަދި ދަނީ އަންނަމުންނެވެ. ވީމާ މި ހުރިހާ ކަމަކުން ވެސް ދޭހަ ކޮށްދެނީ އިސްލާމީ މުޤައްދަސް ބިންކަމުގައިވާ ޤުދުސް އަދި ފަލަސްޠީނުގެ ބިމުގެ މުހިންމުކަމާއި ޚާއްޞަ ކަމެވެ. ވީމާ މި މުހިންމުކަމާއި ޚާއްޞަކަން އަޅުގަނޑުމެންނާއި، ފަހުން އަންނަ ޖީލުތަކުގެ ވިސްމުނުމުގައި ވެސް ހަރުލެއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މާތްالله މުޖާހިދުންނަށް ނަޞްރުދެއްވާ ފަލަސްޠީނުގެ ބިން މިނިވަންކުރައްވާ މުސްލިމުންނަށް އެ ބިން ފުރިހަމަ މިލްކުވެރިކަމަކުން މިލްކުވެރިކޮށްދެއްވައި މުސްލިމުންނަށް ޢިއްޒަތާއި ބާރުވެރިކަން މިންވަރުކުރަށްވާށި. އާމީން! ނޯޓް: މި ލިޔުމުގެ މައިގަނޑު ނުކުތާތަކާއި މަޢުލޫމާތު ބިނާކޮށްފައިވަނީ ޠޫފާނުލް އަޤްޞާ ހަނގުރާމައަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ޑރ. ސަލްމާން އައްސުޢޫދީ ޣައްޒާވީ ލިޔުންވާފައިވާ ލިޔުމުގެ މައްޗަށެވެ.